ކޮންޓޭނަރުގައި މަސް އާލާކުރާ އީޖާދީ ނިޒާމުތަކާ ގުޅޭގޮތުން، ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް، އެކޭލާ މޯލްޑިވްސް ކުންފުނީގެ މަންދޫބުންނާއެކު މަޝްވަރާކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ އިސް މަސްއޫލުވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު އަހްމަދު ޝިޔާމް ވަނީ މި ޓެކްނޮލޮޖީގެ ދެމެހެއްޓެނިވި އަދި ގުޅިފައިވާ އުސޫލުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. ހާއްސަކޮށް، މަސް އާލާކުރުމުގެ ތެރޭގައި އުފެދޭ ނިއުޓްރިއަންޓްސްއިން މުއްސަނދިވެފައިވާ ފެން، ދަނޑުވެރިކަމުގެ ގަސްގަހާގެއްސަށް ފެންދިނުމަށާއި ގާސްކާނާގެ ގޮތުގައި އަލުން ބޭނުންކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ މެރިކަލްޗަރާއި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުވައިދިނުމަށް އޮތް ބޮޑު ފުރުސަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓްރީގެ މަސްއޫލުވެރިން ފާހަގަކުރެއްވި ގޮތުގައި، މަސް ތަންކުތަކުން ބޭރުވާ ފެން އެއްލައިނުލައި އަލުން ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ގަސްގަހާގެއްސަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދިނުމަކީ ކުނި ނުއުފެދޭ، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭ "ކްލޯޒްޑް-ލޫޕް" މޮޑެލެކެވެ.












