ދިވެހިރާއްޖޭގެ ފުން ކަނޑުގެ ސަރަހައްދުތައް ދިރާސާކުރުމަށް ކުރިއަށްގެންދިޔަ ފުރަތަމަ ފުރިހަމަ ސާވޭގެ ހޯދުންތައް ހިއްސާކުރުމަށް "ޑީޕް ރީފް އިވެންޓް" ގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު އެމްއެންޔޫ ބިޒްނަސް ސުކޫލުގައި ބާއްވައިފިއެވެ.
މިއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ނެކްޓަން ފައުންޑޭޝަން އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
މި ހަރަކާތުގައި ހިއްސާކޮށްފައިވަނީ "ފަސްޓް ޑިސެންޓް: މޯލްޑިވްސް މިޝަން" ގެ ދަށުން، އުތުރު މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް 590 ކިލޯމީޓަރުގެ ސަރަހައްދެއްގެ ކަނޑުގެ މަތީ ފަށަލައިން ފެށިގެން 1,000 މީޓަރު އަޑިއަށް ކުރި ދިރާސާތަކުގެ މައުލޫމާތެވެ. މީގެ ތެރޭގައި ފުން ކަނޑުގެ މަސްމަހާމެހީގެ އާބާދީތަކާއި، ފުން ކަނޑުގެ މަޑިއާއި މާކަނޑުގެ ދިރުންތައް (އެލާސްމޯބްރާންޗީ)، ޒޫޕްލާންކްޓަންގެ ގުޅުންތައް އަދި އެންވަޔަރަންމަންޓަލް ޑީއެންއޭއާ ބެހޭ ގޮތުން ހޯދާފައިވާ މުހިންމު ސައިންސީ މައުލޫމާތުތައްވެސް ހިއްސާކޮށްފައި ވެއެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން އެމްއެމްއާރުއައިގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލް ވާހަކަފުޅު ދެއްކެވިިއިރު، ހަރަކާތް އިފްތިތާހުކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީއެވެ.