މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެވޭ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ހުޅުވާލައިފިއެވެ.
މި އަހަރުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހަތަރު ދާއިރާއަކުން ހުޅުވާލެވިފައިވާއިރު، މި އަހަރުގެ ޕްރޮގްރާމަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެވޯޑެއް ވަނީ އަލަށް ތަޢާރަފުކޮށްފައެވެ.
މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި އަހަރު ހުޅުވާލެވިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްޞަ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، އެފަދައިން ޢަމަލީގޮތުން މަސްވެރިކަންކޮށް އާމްދަނީ ހޯދާ 35 އަހަރުން މަތީގެ ފަރާތްތަކަށް ދެވޭ އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑެވެ.
މީގެ އިތުރުން، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްޞަ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި އާމްދަނީ ހޯދުމަށް ޢަމަލީގޮތުން އުޅޭ އަންހެނުންގެ ޚިދުމަތް ފާހަގަކުރުމަށް މި އަހަރު އަލަށް ތަޢާރަފުކުރި ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑުވެސް ހިމެނެއެވެ.
މި އެވޯޑުތަކަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެވޯޑަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑު ކުރުމަށްފަހު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތައް 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ސުންގަޑި ހަމަވުމުގެ ކުރިން، މިނިސްޓްރީގެ ރަސްމީ އީމެއިލް fisheriesmanagement@fishagriocean.gov.mv ނުވަތަ fisheriesmanagement@fisheries.gov.mv އަށް ފޮނުވުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ 46 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބާއްވާ ރަސްމީ ޙަފްލާގައެވެ.