ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާޢަތަކީ ދެޤައުމުގެ މެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައިގަނޑު އަސާސްކަމުގައި ހައްދަވައި، ބަންގްލަދޭޝްގެ ބާޒާރަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ފުޅާކުރުމަށް ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ އަލްއުސްތާޛާ ޝިއުނީން ރަޝީދު ގޮވާލައްވައިފިއެވެ.
ޝެރަޓަން ޑާކާގައި އިއްޔެ ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް" އިވެންޓުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ޝިއުނީން ވަނީ، މި އިވެންޓުގެ ޝަރަފުވެރި މެންމާނު ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރަޝީދުއްޒަމާން މިއްލަތާއި، ސަރުކާރުގެ އިސްވެރިން، ޑިޕްލޮމޭޓުން، މަސް ގަންނަ ފަރާތްތައް އަދި ސިނާޢީ ވިޔަފާރިވެރިން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިންނާ މުޚާތަބުކުރައްވާފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނާއި، ކަނޑުގެ ވަސީލަތްތަކާއި، އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާ މެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
"ދިވެހިރާއްޖޭގެ އިޤްތިޞާދާއި، ރަށްތަކުގެ އިޖުތިމާޢީ ދިރިއުޅުމާއި ސަގާފަތުގައި މަސްވެރިކަމަށް ވަނީ މުހިންމު މަޤާމެއް ދެވިފައި،" ރާއްޖޭގެ މަޝްހޫރު ދޮށީގެ މަސްވެރިކަމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ހައިކޮމިޝަނަރު ވިދާޅުވިއެވެ.
ޒިންމާދާރުކަމާއެކު މަސްވެރިކަން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަކީ ތިމާވެށްޓާ ރައްޓެހި، ފެންވަރު ރަނގަޅު ކަނޑުމަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ބާޒާރުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމުގެ މައިގަނޑު އަސާސްކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
ދެޤައުމުގެ މެދުގައި އޮތް އިޤްތިޞާދީ ގުޅުންތަކަށް އަލިއަޅުވާލައްވަމުން ހައިކޮމިޝަނަރު ވަނީ ބަންގްލަދޭޝްގެ ބާޒާރުގައި ދިވެހި ކަނޑުމަހާއި އެއިން ތައްޔާރުކުރާ ތަފާތު އުފެއްދުންތަކަށް ބޮޑު ފުރުޞަތެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް ފުޅާވަމުންދިއުމަކީ މަސްވެރިކަމުގެ ވިޔަފާރި އިތުރުކޮށް، ވިޔަފާރިތަކުގެ މެދުގައި ސީދާ ގުޅުން ޤާއިމުކޮށް، ދެޤައުމަށް އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ލިބުނު ފުރުޞަތެއްކަމަށް ވިދާޅުވިއެވެ.
މި އިވެންޓަކީ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި އިވެންޓެކެވެ. މިއިވެންޓަށް އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއާ، މިފްކޯ، މާލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.