ނ. ކެނދިކުޅުދޫގައި މަސްވެރިކަމާއި މެރިކަލްޗަރ ސިނާޢަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ކެނދިކުޅުދޫ ކައުންސިލާއި އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޢަފޫ ޙާމިދާއެކު މިއަދު ޚާއްޞަ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ޚާއްޞަ އިސްކަމެއް ދީފައިވަނީ ކެނދިކުޅުދޫގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށެވެ. އެގޮތުން އެ ރަށުގައި މެރިކަލްޗަރގެ މަސައްކަތްތައް ކުރިއަރުވައި، އިޤްތިޞާދީ ގޮތުން ނަފާ ހޯދޭނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތް ގޮސްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތައް ވަޒީރު ޝިޔާމް ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ. މީގެއިތުރުން، އެ ރަށުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި އާ ފުރުސަތުތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.











