ކޮޅުމަޑުލު ކިނބިދޫ އަދި އެ ރަށާ ކައިރީގައި އޮންނަ ކުޑަދޫގެ ގޮނޑުދޮށުން ދޮންވެލި ނުނެގުމަށް ކިނބިދޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ކިނބިދޫ ކައުންސިލުން މިކަމަށް އިލްތިމާސްކޮށް އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ކިނބިދޫ އަދި ކުޑަދޫ ކައިރިން ގޮނޑުދޮށުން ދޮންވެލި ނަގަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާއި، މިކަމާ ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައްވެސް ކައުންސިލަށް ސިލްސިލާކޮށް ލިބެމުންދާ ކަމަށެވެ.

ގޮނޑުދޮށުން ވެލިނެގުމަކީ ރަށުގެ ގޮނޑުދޮށް ގިރުމަށް މަގުފަހިވެ، ރަށުގެ ނަލަކަމާއި ތިމާވެށީގެ ރީތިކަން ގެއްލިގެންދާ ކަމެއްކަން ފާހަގަކޮށް ކައުންސިލުން ބުނެފައިވަނީ، މިއީ ޤާނޫނީގޮތުންވެސް މަނާކުރެވިފައިވާ ކަމަކަށްވާތީ، ރަށުގެ ހޭޅިފަށުން ފެށިގެން 200 މީޓަރު ފަޅުތެރޭގެ ސަރަހައްދުން އެއްވެސް ވަރަކަށް ވެލި ނުނެގުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި، މި އެންގުމާ ޚިލާފަށް ގޮނޑުދޮށުންނާއި ފަޅުތެރެއިން ޤަވާޢިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ކިނބިދޫ ކައުންސިލުން ވަނީ އަންގާފައެވެ.