"ކެޔޮޅު" އެޕްލިކޭޝަން މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް (އީ-ލޮގްބުކް) ފޮނުވުމާ ބެހޭ ގޮތުން މަސްވެރިންނާއި ކެޔޮޅުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްދާނެ މި ސެޝަން އޮންނާނީ އޮކްޓޫބަރު 5 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:00 ގައެވެ.
ފިޝަރީޒް މިނިސްޓްރީން ޤާއިމުކޮށްފައިވާ ދިވެހި މަސްވެރިކަމުގެ މަޢުލޫމާތު ނިޒާމުގެ މައި ނާރެސް ކަމުގައިވާ "ކެޔޮޅު" އެޕްލިކޭޝަނަކީ މަސްވެރިންނާއި، އުޅަނދުފަހަރުގެ ވެރިން، މަސް ގަންނަ ފާތްތައް އަދި ކަމާބެހޭ އިދާރާތައް އެއް ވިއުގައަކުން ގުޅުވާލަދޭ ޑިޖިޓަލް ވަސީލަތެކެވެ. މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި އާކުރުމުގެ ހުރިހާ ޚިދުމަތެއް ފިޝަރީޒް މިނިސްޓްރީން މި އެޕް މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މިއީ މަސްވެރިކަމުގެ ބޭނުމަށް ކުރާ ދަތުރުތަކުގެ މަޢުލޫމާތާއި ބާނާ މަހުގެ ޢަދަދުތައް އިލެކްޓްރޯނިކްކޮށް ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.
މާދަމާ ރޭ ބާއްވާ ސެޝަނުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ:
އީ-ލޮގްބުކް ބޭނުންކުރުން: މަސްވެރިކަމުގެ ދަތުރުތަކުގައި ބާނާ މަހުގެ މަޢުލޫމާތު އިލެކްޓްރޯނިކް ލޮގްފޮތް މެދުވެރިކޮށް ރެކޯޑުކޮށް ހުށަހާޅާނެ ގޮތް.
ދެމެހެއްޓެނިވި މަސްވެރިކަން: ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށްޓަކައި ކެޗް މެޓްރިކްސް ނުވަތަ ބާނާ މަހުގެ ހިސާބުތައް ބެލެހެއްޓުމުގެ މުހިންމުކަން.
އެޕްލިކޭޝަންގެ ޚިދުމަތްތައް: ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި، ފަޅުވެރިންގެ ލިސްޓު ބެލެހެއްޓުމުގެ އިތުރުން މަސްވިއްކާ މިންވަރު ބެލެހެއްޓުން.
އެހެންކަމުން، ކަނޑުމަހުގެ މަސްވެރިކަމުގައި އުޅުއްވާ އެންމެހާ ކެޔޮޅުންނާއި މަސްވެރިން އޮންލައިން ލިންކް މެދުވެރިކޮށް މާދަމާ ރޭގެ ސެޝަންގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ވަނީ އެދިވަޑައިގެންފައެވެ.