ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %68 މަސައްކަތް ފުރިހަމަވެފައިވާކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
މާރިޗު 2023 ގައި ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދަރަވަންދޫ ބަނދަރު ބޮޑުކޮށް، ލަފާފުރާ އުޅަނދުފަހަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ހިންގާ މަޝްރޫޢެކެވެ.
މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، 38,774 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 322 މީޓަރުގެ އެއްގަމުތޮށި (ޕްރީކާސްޓް އެލް-ބްލޮކް) ޖެހުމުގެ އިތުރުން 660 މީޓަރުގެ ގާތޮށި ޖެހުން ހިމެނެއެވެ. މީގެއިތުރުން 140 މީޓަރުގެ ޖެޓީއަކާއި، 16 މީޓަރުގެ ފާލަމެއް (ބްރިޖް) ހެދުމުގެ އިތުރުން 1,990 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީން ބުނީ، މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރުތޮށީގެ މަސައްކަތްތަކާއި، އެއްގަމުތޮށި އެލައިންމަންޓަށް އެޅުމާއި ކޮންކްރީޓް ބްލޮކް އަތުރައި ނިންމުމުގެ ޢަމަލީ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢު އެކީ ނިމުމުން، ދަރަވަންދޫގެ ފަތުރުވެރިކަމާއި ކަނޑުމަގުން ކުރެވޭ އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑު ލުޔެއް ލިބި، އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.