ނ. ކެނދިކުޅުދޫ ބަނދަރު ތަރައްޤީކުރުމާއި ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ތެރެއިން، އެ ސަރަޙައްދުގެ ކޮންކްރީޓް ރޭމްޕް ހެދުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ މުޅި ޖުމްލަ 35 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއީ ރަށުގެ އޮޑިވެރިންނަށް ދޯނިފަހަރު އެހެލައި ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މާރޗް 2023 ގައި ސަރުކާރުން 73.16 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން، 98,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 249 މީޓަރުގެ އެއްގަމުތޮއްޓަކާއި، 368 މީޓަރުގެ ބޭރުތޮއްޓެއްގެ އިތުރުން 130 މީޓަރުގެ ރިވެޓްމެންޓާއި 27 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 86 މީޓަރުގެ ޖެޓީއަކާއި، އެކްސެސް ޕްލެޓްފޯމެއް ހެދުމާއި، 1,990 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތިއާއި ނެރު ބައްތި އަދި މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ބުނީ، ދޯނި އެހެލާ ސަރަޙައްދުގެ ރޭމްޕް ނިމުމުން، ރަށުގެ މަސްވެރިންނަށާއި އޮޑިވެރިންނަށް ރައްކާތެރިކަމާއެކު އުޅަންދޫތައް އެހެލައި މަރާމާތުކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.