ނުރައްކަލަށް ހުށަހެޅިފައިވާ ދުނިޔޭގެ ކަނޑުތައް މޮނިޓަރުކުރާ ނިޒާމުތައް ސަލާމަތްކޮށް، އިތުރަށް ތަރައްޤީކުރުމަށްޓަކައި 211 މިލިއަން ޔޫރޯގެ މާލީ އަދި ވަސީލަތްތަކުގެ އެހީތެރިކަމާއެކު ބައިނަލްއަޤްވާމީ އައު އިއްތިހާދެއް އުފައްދައިފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދިޔަ އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ހައި-ލެވަލް ހަފްތާގެ ތެރޭގައި، މިއަދު ރަސްމީކޮށް އިޢުލާނުކުރި "އޯޝަންއައި އިންޓަރނޭޝަނަލް އެލަޔަންސް ފޯ ދަ ގްލޯބަލް އޯޝަން އޮބްޒާވިންގ ސިސްޓަމް (ގޫސް)" އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރުސުލާ ފޮން ޑެއާ ލެޔެން އާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔޫރަޕް، އެފްރިކާ އަދި އެމެރިކާ ސަރަޙައްދުގެ 30 އަށްވުރެ ގިނަ ޤައުމު ބައިވެރިވާ މި ތާރީޚީ އެލަޔަންސް ކުރިއަށްދަނީ ޔުނެސްކޯގެ އިންޓަރގަވަރންމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (އައިއޯސީ-ޔުނެސްކޯ) އާއި ވަރލްޑް މީޓިއޮރޯލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔޫއެމްއޯ) އާ ގުޅިގެންނެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ މޫސުން ކުރިއާލާ ލަފާކުރުމަށާއި، ކަނޑުގެ ރައްކާތެރިކަމަށް އަދި މޫސުމީ ބަދަލުތަކާ ބެހޭ މަޢުލޫމާތު އެއްކުރުމަށް އިންތިހާއަށް މުހިންމު ނަމަވެސް މާލީ އެހީތެރިކަން ކުޑަވެފައިވާ ނިޒާމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މާލީ އެހީތެރިކަމާއި ވަސީލަތްތަކުގެ ތަފްޞީލު:
އީޔޫ އާއި ކެނެޑާގެ މާލީ އެހީ: އެކުލަވާލެވުނު 211 މިލިއަން އޭުރޯގެ ފަންޑުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަނުން ވަނީ ކަނޑުގެ ދިރާސާތަކަށް އިތުރު 92 މިލިއަން އޭުރޯ ކަނޑައަޅާފައެވެ. އަދި ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި އާކްޓިކް ސަރަޙައްދު މޮނިޓަރުކުރުމާއި އަޑީގައި ދުއްވާ އޮޓޯނޮމަސް ގްލައިޑަރުތައް އިތުރުކުރުމަށް ކެނެޑާއިން 82 މިލިއަން ކެނެޑިއަން ޑޮލަރު (51.5 މިލިއަން އޭުރޯ) ދިނުމަށް ވަނީ ނިންމާފައެވެ.
ވަސީލަތްތަކުގެ އެހީ: މާލީ އެހީގެ އިތުރުން، ބައިވެރިވާ ޤައުމުތަކުން ވަނީ ޚާއްޞަ ކަނޑުގެ ދިރާސާ ކުރާ އުޅަނދުފަހަރާއި، އެޑްވާންސްޑް ސެންސަރުތަކާއި، ޖައްވީ މައުލޫމާތު އެއްކުރާ ډްރޯންތަކުގެ އިތުރުން މައުލޫމާތު ދިރާސާކުރާ ސެންޓަރުތައް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.
ނިޒާމުގެ ބޮޑުމިން: ގްލޯބަލް އޯޝަން އޮބްޒާވިންގ ސިސްޓަމް (ގޫސް) އަކީ 64 ޤައުމަކާއި، 17 މޮނިޓަރިންގ ނެޓްވޯކެއްގެ އިތުރުން ކަނޑުގައި ބަހައްޓާފައިވާ 8,000 އަށްވުރެ ގިނަ ޕްލެޓްފޯމް އެކުލެވޭ ބޮޑު ނިޒާމެކެވެ. މި ނިޒާމުން ދުވާލަކު 120,000 އަށްވުރެ ގިނަ މައުލޫމާތު ވަގުތުން ވަގުތަށް އެއްކުރެއެވެ.
މި އިއްތިހާދު މިވަގުތު އުފެއްދުން މުހިންމުވި އެންމެ ބޮޑު ސަބަބަކީ، ދެމެހެއްޓެނިވި މާލީ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަނޑުތައް މޮނިޓަރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވުމެވެ. ޚާއްޞަކޮށް ޕެސިފިކް ކަނޑުގެ އިކުއޭޓަރު ސަރަޙައްދުގައި މައުލޫމާތު އެއްކުރާ ބޮއިތައް މަދުވުމުގެ ސަބަބުން "އެލް ނީނޯ" އަދި "ލާ ނީނާ" މޫސުމީ ބަދަލުތައް ކުރިއާލާ ދެނެގަތުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އޯޝަންއައި އެލަޔަންސްއަށް ލިބުނު 211 މިލިއަން އޭުރޯގެ އެހީގެ ދަށުން، މިހާރު ހުއްޓުމަކަށް އައިސްފާނެކަމުގެ ބިރުބޮޑުވެފައިވާ ވަސީލަތްތައް ބެލެހެއްޓުމާއި، ގޫސް ސެކްރެޓޭރިއަޓް ހިންގުމުގެ އިތުރުން، ދެކުނު އަދި އުތުރު ބިތުގެ ސަރަޙައްދުތަކާއި ކަނޑުގެ އެންމެ އުނދަގޫ ސަރަޙައްދުތައް މޮނިޓަރުކޮށް، ނަގޫރޯޅިއާއި ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުރިއާލާ ދެނެގަތުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.