ދިވެހި މަސްވެރިންގެ އަމިއްލަ ތަޖުރިބާއާއި، ކަނޑުގެ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅޭގޮތުން އެފަރާތްތަކުގެ އިޙްސާސްތައް ހާމަކޮށްދޭ ޚާއްޞަ ޑޮކިއުމެންޓްރީ "ރޯދި: ވޮއިސް އޮފް ފިޝަރފޯކްސް އެކްރޮސް ދަ މޯލްޑިވްސް" މާދަމާ ސްކްރީން ކުރުމަށް ހަމަޖެހިއްޖެއެވެ.
މެރިން ކޮންސަވޭޝަން ޖަމްޢިއްޔާއެއް ކަމަށްވާ "މޯލްޑިވްސް ރެޒިލިއަންޓް ރީފްސް" އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޑޮކިއުމެންޓްރީ ޕްރިމިއާ ކުރުން އޮންނާނީ މާދަމާ، 1 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އިން 17:00 އަށް މާލޭގެ އޮލިމްޕަސް ސިނަމާގައެވެ. މި ހަރަކާތަކީ ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަދެވޭގޮތަށް ހުޅުވާލެވިފައިވާ އިވެންޓެކެވެ.
ދޮށީގެ މަސްވެރިކަމުގެ ދިގު ތާރީޚެއް އޮތް ދިވެހިރާއްޖޭގައި، މަސްވެރިންނަށް ކަނޑުމަތީގައި ދިމާވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތައް މި ފިލްމުގައި ވަރަށް ތަފްޞީލުކޮށް ގެނެސްދީފައިވެއެވެ. އަދި ޤައުމީ ފެންވަރުގައި ދޮށީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، މަސްވެރިންގެ އިޤްތިޞާދީ ކަންބޮޑުވުންތަކަށްވެސް މި ޑޮކިއުމެންޓްރީގައި އަލިއަޅުވާލާފައިވާކަމަށް މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އިން ބުނެފައި ވެއެވެ.
މޯލްޑިވްސް ރެޒިލިއަންޓް ރީފްސްއިން ބުނީ، މި ސްކްރީނިންގއަށް ވަންނަ އެންމެހައި ފަރާތްތަކަށް ހިލޭ ޕޮޕްކޯންއާއި ބުއިންތައް ފޯރުކޮށްދޭނެކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކަނޑުގެ މާހައުލަށް ލޯބިކުރާ އާންމު ރައްޔިތުން މި ޚާއްޞަ ހަރަކާތުގައި ބައިވެރިވެ، މަސްވެރިންގެ އަޑުއެހުމަށް އެޖަމްއިއްޔާއިން އެދިފައި ވެއެވެ.
"ރޯދި" ފިލްމަކީ ކޮމަންވެލްތު ފައުންޑޭޝަނާއި، ބްލޫ މެރިން ރޭއި ފައުންޑޭޝަންގެ އެހީތެރިކަމާއެކު އުފައްދާފައިވާ ފިލްމެކެވެ.