ހއ. އިހަވަންދޫ ކައުންސިލުން ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފަށައިފި އެވެ.
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުގެ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، "ކަނޑު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ދިނުމާއި، އެ ޚިދުމަތުން ފީ ނެގުމުގެ އުސޫލު" ފާސްކޮށްފައިވަނީ އެ ކައުންސިލުގެ 5 ވަނަ ދައުރުގެ 19 ވަނަ ރަސްމީ އާންމު ޖަލްސާއިންނެވެ. އަދި ސަރުކާރުގެ ގެޒެޓުގައި އެއުސޫލު ޝާއިއުކޮށް، އިއްޔެއިން ފެށިގެން ކަނޑު އުޅަނދުތައް ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އެ ކައުންސިލުން ވަނީ ރަސްމީކޮށް ފަށާފައެވެ.
ކައުންސިލުން މިހާރު އާންމުކޮށްފައިވާ، މި އުސޫލުގެ ދަށުން ކަނޑު ލައިސަންސްގެ އަމަލީ އިމްތިހާން އޮންނާނީ ކައުންސިލް އިދާރާއިން ކަނޑައަޅާ ޚާއްޞަ ދުވަސްތަކުގައެވެ. އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމުގައި ހިމަނާފައިވާ ފޯން ނަންބަރަށް ކައުންސިލުން ގުޅައިގެން އަންގާ ތާރީޚާއި ގަޑިއަށް އިމްތިހާން އޮންނަ ތަނަށް ހާޟިރުވާންޖެހޭނެއެވެ. އަދި ޚިދުމަތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ޚައުންސިލުން އާންމުކޮށްފައިވާ ފީތަކުގެ ތަފްޞީލަށް ބަލާއިރު، ލައިސަންސް އަލަށް ހެދުމުގެ ފީއަކީ 250 ރުފިޔާއެވެ. ލައިސަންސް އާކުރުން، ހަލާކުވެގެން ނުވަތަ ގެއްލިގެން އަލުން ދޫކުރުން، އަދި މުއްދަތު ހަމަވެގެން ނުވަތަ ބަދަލެއް އައިސްގެން އަލުން ދޫކުރުމުގެ ފީއަކީވެސް 250 ރުފިޔާއެވެ. މީގެ އިތުރުން، ހުށަހަޅާ އެޕްލިކޭޝަންތަކައް ލައިސަންސް އެގްޒަމިނަރުގެ ފީއަށްވާ 30 ރުފިޔާ ހިމަނޭގޮތަށް، އިމްތިހާނު ކުރުމުގެ ފީގެ ގޮތުގައި 100 ރުފިޔާ ކަނޑައަޅާފައިވާއިރު، ޚިދުމަތުގެ ފީގެގޮތުގައި ކައުންސިލަށް 75 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ބިދޭސިންނަށް ލައިސަންސް ހެދުމުގެ ފީއަކީ 2,500 ރުފިޔާކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
އިހަވަންދޫ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި، މި އުސޫލުގެ ސަބަބުން އެ ރަށާއި ސަރަޙައްދުގެ ކަނޑުއުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ލުއިފަސޭހަ އަދި ތަރުތީބުކޮށް ޚިދުމަތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.