ޅ. ފެލިވަރުގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ފިއުލް ޓާމިނަލްގެ ޚިދުމަތް ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމްއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ޓާމިނަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށާއި އެހެނިހެން ކަނޑުއުޅަނދުފަހަރަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ތެޔޮ އަޅަން ކުރަންޖެހޭ ދަތުރުތައް ކުރުވެ، ވަގުތާއި ޚަރަދު ސަލާމަތްކުރެވިގެންދާނެއެވެ.
ފެލިވަރުގައި ހުންނަ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް މަސް ކިރުވުމަށްފަހު ވަގުތުން ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިގެންދިއުމަކީ މަސްވެރިންގެ އާމްދަނީއަށާއި މަސްވެރިކަމުގެ އޮޕަރޭޝަންތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިއީ މީގެ ކުރިން ތެޔޮ ހޯދުމުގައި މަސްވެރިންނަށް ދިމާވަމުންދިޔަ ދަތިތަކަށް ލިބުނު ދާއިމީ ހައްލެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިޓާމިނަލުން މަސްވެރިންނަށް ސަބްސިޑީ ރޭޓުގައި ޑީސަލް ގަންނަން ލިބޭނެއެވެ.
އެފްއެސްއެމްއިން ބުނި ގޮތުގައި، މުޅި ރާއްޖޭގައި ތެލުގެ ވިއުގަ ފުޅާކޮށް، ކަސްޓަމަރުންނަށް އިތުބާރު ހުރި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. ފެލިވަރުގެ ފިއުލް ޓާމިނަލާއެކު އުތުރުގެ އަތޮޅުތަކުގެ މަސްވެރިކަމަށާއި އިޤްތިޞާދީ އެހެނިހެން ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.