މ. ދިއްތުނޑީގެ އިރުދެކުނުން 16 މޭލު ބޭރުގައި އާ ދޮށީ ކަނދުފައްޗެއް ގާއިމުކޮށްފި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މިއަދު، ކަނދުފައްޗެއް އަލުން އަޅާފައިވަނީ ކުރިން އެސަރަަހައްދުގައި ގާއިމުކޮށްފައިވާ ދޮށީ ކަނދުފަތި ކަނޑައިގެން ދިއުމާ ގުޅިގެންނެވެ. އަލުން ގާއިމުކުރި މި ދޮށީ ކަނދުފަތީގެ ނަންބަރަކީ K10D02-01 އެވެ.

މީގެ އިތުރުން، މުލަކު އިރުދެކުނުން 13 މޭލު ބޭރުގައިވެސް އިއްޔެ އެޓީމުން ވަނީ ދޮށީ ކަނޑުފައްޗެއް ގާއިމުކޮށްފައެވެ. މި ދޮށީ ކަނދުފަތީގެ ނަންބަރަކީ K10D01-01 އެވެ.

ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް އަލުން ގާއިމުކުރެވިގެންދިއުމާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މަސްވެރިކަން ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބި، މަސްވެރިކަން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.