މ. މުލަކު ބޭރުގައި އޮތް ދޮށީ ކަނދުފަތި ކަނޑައިގެން ދިއުމާ ގުޅިގެން، އެ ސަރަހައްދުގައި އަލުން އާ ކަނދުފައްޗެއް އަޅާފައިވާކަމަށް މިނިސްޓަރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، މުލަކު އިރުދެކުނުން 13 މޭލު ބޭރުގައި އަލުން ގާއިމުކުރެވުނު މި ދޮށީ ކަނދުފަތީގެ ނަންބަރަކީ K10D01-01 އެވެ. މި ކަނދުފަތި އަޅާފައިވަނީ މިއަދު، 26 ސެޕްޓެމްބަރ 2026 ގައެވެ.

މިއީ ކަނޑައިގެންދާ ކަނދުފަތިތައް އަލުން ގާއިމުކޮށް، ކަނޑުމަހުގެ މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދަވާ ގައުމީ ކަނދުފަތި ނެޓްވޯކް ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.