ރާއްޖޭގެ ކާބޯތަކެތި އުފައްދާ މައިގަނޑު ދާއިރާތައް ކުރިއަރުވައި ވަރުގަދަކުރުމަށް ބޭނުންވާ މާލީ އަދި ސިޔާސަތުތަކާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިމްލެންދުރަ ޝަރަންއާއެކު އިއްޔެ އިސްތިރާތީޖީ މަޝްވަރާތަކެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފިޝަރީޒް މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ "އޭ ހޮލިސްޓިކް އެޕްރޯޗް ޓު އެގްރިކަލްޗަރަލް ފުޑް ސިސްޓަމްސް ރެޒިލިއަންސް އެންޑް އެޑަޕްޓޭޝަން" މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމަށް އެފްއޭއޯގެ މަންދޫބު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި ކަނޑުފަޅުގެ ދިރުންތައް އާލާކުރުމުގެ ދާއިރާއަށް ބޭނުންވާ މާލީ އިންވެސްޓްމަންޓްތަކާއި ފަންނީ އެހީތެރިކަން ހޯދުމަށް ދެފަރާތް ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. އަދި މޫސުމީ ބަދަލުތަކާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރައްކާތެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާ ސާބިތުކަމާއެކު ދެމެހެއްޓުމަށާއި، ކަނޑުފަޅުން އާމްދަނީ ހޯދާ ފަރާތްތަކުގެ ދިރިއުޅުން ރައްކާތެރިކޮށް، ގައުމީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމްއާއި އެފްއޭއޯގެ މަންދޫބު މަޝްވަރާކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްގީއާއި، އަމާޒުކުރެވިގެން ދެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން ބައިނަލްއަގުވާމީ ބަދަހިގުޅުންތަކުގެ މައްޗަށް ބިނާކޮށް ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އެފްއޭއޯއިން ދޭ އަހައްމިއްޔަތުކަން ދެފަރާތުންވެސް ވަނީ ތަކުރާރުކޮށްފައެވެ.
އިއްޔެ ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، މިނިސްޓްރީގެ އިސް މަސްއޫލުވެރިންނާއި އެފްއޭއޯގެ ޑެލިގޭޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.