ޤަވާއިދާ ޚިލާފަށް މަނާގޮތްގޮތަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ބުނެ، ގއ. ގައްދޫ ކައުންސިލުން ކަނޑު އުޅަނދާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ރަށު ކައުންސިލުން ނެރެފައިވާ ރަސްމީ ބަޔާނެއްގައެވެ.
ގައްދޫ ކައުންސިލުން މައުލޫމާތުދޭގޮތުން، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް ފެށި މި ޚިދުމަތް މެދުކެނޑިފައިވަނީ ބައެއް ފަރާތްތަކުގެ އިހުމާލުންނާއި، މާލީ ބޮޑެތި ފައިދާތަކެއް ހޯދުމަށް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާފައިވާ ކަންކަމުގެ ސަބަބުންނެވެ. އެގޮތުން ވޭތުވެދިޔަ 1 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ރަށުން 1,600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާއިރު، މިއީ މަހަކަށް 133 ލައިސަންސްގެ ނިސްބަތެކެވެ. ނަމަވެސް އެގްޒަމިނަރުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު، ހަފްތާއަކަށް ވެސް ދެތިން މީހުން ޕްރެކްޓިކަލް ނުވަތަ ޢަމަލީ އިމްތިޙާނު ފުރިހަމަކޮށްފައިނުވާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ކައުންސިލުން ހާމަކުރިގޮތުގައި، މި މައްސަލަ ފެންމަތިވީ 5 ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުމެވަޑައިގަތުމަށްފަހު ލައިސަންސްގެ ކަންކަމުގައި ލިބުނު ޝަކުވާތަކަކާ ގުޅިގެން ބެލި ބެލުންތަކުންނެވެ. މިގޮތުން މާލޭގައި ހުރެގެން 30 އޮގަސްޓް 2026 ގައި ލައިސަންސަށް އެދި ހުށަހަޅައި، 31 އޮގަސްޓް 2026 ގައި ޤަވާއިދާ ޚިލާފަށް ލައިސަންސް އިޝޫކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މިއީ ކުރީގެ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެންބަރުންގެ ބައިވެރިވުމާއެކު ހިންގާފައިވާ ކަމެއް ކަމަށް ކައުންސިލުން ތުހުމަތުކުރެއެވެ.
މި މައްސަލައާ ގުޅިގެން، ކަމާބެހޭ މިނިސްޓްރީގެ އިސް ދެ ބޭފުޅުން ސެޕްޓެމްބަރު 17 ވީ ދުވަހު ގައްދުއަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ޤަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ހިނގާފައިވާކަން އެ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކަނޑު ލައިސަންސް ދޫކުރުމުގެ ޚިދުމަތް މިވަގުތު މެދުކެނޑިފައިވީ ނަމަވެސް، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މި ޚިދުމަތް އަލުން ފެށުމަށްޓަކައި ކަމާގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ގައްދޫ ކައުންސިލުން އިތުރަށް ހާމަކޮށްފައިވެއެވެ.