ރާއްޖޭގެ އިދާރީ ސަރަޙައްދުގެ ނުވަދިހަ އިންސައްތައަށްވުރެ ބޮޑީ ކަނޑު ކަމަށްވާއިރު، ބްލޫ އިކޮނޮމީއަކީ ހަމައެކަނި ދުލުން ބުނެލާ ޝިޢާރެއް ނޫން ކަމަށާއި އެއީ ޤައުމުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ޤައުމީ އަސާސެއް ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ހައިނާން ޔުނިވަރސިޓީއާ ގުޅިގެން މިއަދު ފެށި ފަންނީ ތަމްރީނު ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި އިފްތިތާހީ ބަޔާނުގައި ވަޒީރު ޝިޔާމް ވަނީ ދިވެހީންނާއި ކަނޑާ އޮތް ޒަމާންވީ އިޤްތިޞާދީ އަދި ޘަގާފީ ގުޅުން ފާހަގަކުރައްވައި، ކަނޑުގެ މާހައުލާއި މުރަކަ ފަރުތަކަކީ ރާއްޖޭގެ ދިރިއުޅުމާއި ފަތުރުވެރިކަމުގެ ސިނާޢަތް ދަމަހައްޓައިދޭ މައިގަނޑު ވަޞީލަތް ކަމަށް ވިދާޅުވެފައެވެ.
ކަނޑުގެ ވަޞީލަތްތައް ހިމާޔަތްކުރުމާއި އިޤްތިޞާދީގޮތުން ކުރިއަށްދިއުމާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއުޅުއްވާލައްވަމުން ވަޒީރު ވިދާޅުވިއެވެ:
"އެހެންކަމުން ބްލޫ އިކޮނޮމީއަކީ އަޅުގަނޑުމެންނަށް ހަމައެކަނި ޝިޢާރެއް ނޫން. އެއީ ޤައުމީ އަސާސެއް. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ގޮންޖެހުމަކީ ކަނޑުން ލިބޭ މަންފާގެ އަގު އިތުރުކުރަމުން، އަމިއްލައަށް ކަނޑު ރައްކާތެރިކުރުން. މި ދެކަންތައް ވަކިކޮށްފައެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ."
ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް އަލިއުޅުއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމަ ދަތުރުފުޅުގައި ޤާއިމުކުރެވުނު ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ އެކްޝަން ޕްލޭނާއި، 2025 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މި ފަދަ ޕްރޮގްރާމްތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަމުގެ ހެއްކެއް ކަމަށެވެ.
"އެއްބަސްވުންތަކުގައި ސޮއިކުރުރުމަކީ ފަސޭހަކަމެއް. ނަމަވެސް އެއަށްވުރެ މާ ބޮޑަށް އަގުހުރި އަދި ދަތިކަމަކީ އެ އެއްބަސްވުންތައް ހުނަރަށާއި، ޢިލްމަށާއި ނަތީޖާއަށް ބަދަލުކުރުން. މި ޕްރޮގްރާމަކީ ހަމަ އެކަން ކުރުމުގެ ރަނގަޅު މިސާލެއް."
ވަޒީރުގެ ވާހަަކަފުޅުގައި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއާއި، ޕްރޮފެސަރު ޖިއަން ލުއޯގެ އިތުރުން ހައިނާން ޔުނިވަރސިޓީގެ ވަފުދަށް ޝުކުރު އަދާކުރެއްވިއެވެ. ޢަދި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދިރާސާކުރާ ފަރާތްތަކާއި، ޤަވާއިދުތައް ތަންފީޒުކުރާ ފަރާތްތަކާއި، އަދި ސިނާޢީ ދާއިރާތަކުން ތަމްރީނުގައި ބައިވެރިވި ފަރާތްތަކުން އިންސްޓިޓިއުޝަނަލް ހައްދުތަކުން އެއްކިބާވެ، ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ނިންމަވާލެއްވީ، ރާއްޖެއަށް ކަނޑަކީ ފުދުންތެރިކަމާއި ޙިމާޔަތުގެ މަސްދަރެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ގުޅިގެން ކުރެވޭ އެކުވެރި މަސައްކަތްތައް މުހިންމުކަން ފާހަގަކުރައްވަމުންނެވެ.