ޗައިނާގެ ހައިނާން ޔުނިވަރސިޓީގެ ސްކޫލް އޮފް މެރިން ބަޔޮލޮޖީ އެންޑް ފިޝަރީޒްގެ ވައިސް ޑީން ޕްރޮފެސަރު ލުއޯ ޖިއާން ލީޑްކުރައްވާ އިސް ވަފްދެއް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ.
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ "ކޮމްޕްރިހެންސިވް ސްޓްރެޓަޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެ ދަށުން ކުރިއަށްދާ މި ހަތަރު ދުވަހުގެ ދަތުރުފުޅުގައި، އެ ޓީމުން ޚާއްޞަ ޓެކްނިކަލް ތަމްރީނު ވާރކްޝޮޕެއް ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީގެ މެރިން އެންޑް އެކުއަކަލްޗަރ ރިސާޗް އައިލެންޑް ކަމަށްވާ ކ. މަނިޔަފުށްޓަށް އެ ވަފްދުން ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް، ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މި ދަތުރުފުޅަކީ ވަރަށް މާނަހުރި، ފައިދާހުރި ބަދަލުކުރުންތަކެއް ފެނިގެންދާނެ ދަތުރަކަށް ވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.











