އައްޑޫ ސިޓީ ހިތަދޫގައި މަސްވެރިކަން ކުރަމުން އަންނަ "ސީވީޑް" ދޯނި ވިއްކާލުމަށް އޭގެ ވެރިފަރާތުން އިޢުލާނުކޮށްފިއެވެ.
މި ދޯނީގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ޖިހާދު މަޢުލޫމާތު ދިން ގޮތުގައި، 19 އަހަރު މަސްވެރިކަމުގައި ބޭނުންކޮށްފައިވާ، މި މަސްދޯނި ވިއްކާލަން ނިންމީ ކެޔޮޅުންނާއި ފަޅުވެރިން ހޯދުމުގައި ދިމާވެފައިވާ ދަތިތަކުގެ އިތުރުން، ހިނގާ ޚަރަދާ އެއްވަރަށް މަސް ނުބޭނި ލިބެމުންދާ މާލީ ގެއްލުންތަކުގެ ސަބަބުންނެވެ.
ދޯނީގެ އަގު ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ދޯނި ވިއްކުމަށް ހަމަޖެހިފައިވަނީ 4 މިލިއަން ރުފިޔާއަށެވެ. އަދި އިންސްޓޯލްމަންޓް އުޞޫލުން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން، 2 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދައްކާ ގޮތަށް 4.5 މިލިއަން ރުފިޔާއަށް ދޯނި ދޫކޮށްލުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން، ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ ދެ އަހަރުގެ ތެރޭގައި ޚަލާޞްކުރެވޭނެ ފަދަ ލުއިފަސޭހަ އިންތިޒާމުތަކެއް މަޝްވަރާގެ އުޞޫލުން ހަމަޖައްސައިދެވޭނެ ކަމަށް ވެރިފަރާތުން މަޢުލޫމާތު ދެއެވެ.
މި ދޯނި ވިއްކުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތަކާ އެކުގައެވެ. ގަޑިއަކު 14.5 ނޮޓުގެ ބާރުމިނުގައި ދުއްވާ، 93 ފޫޓުގެ މި ދޯނީގައި ހިމެނެނީ މުޅިން އައު 600 ހޯސްޕަވަރުގެ މިޓްސުބިޝީ އިންޖީނަކާއި 40 ކޭވީއޭގެ ޖަނަރޭޓަރެކެވެ. މީގެއިތުރުން، ދަތުރުފަތުރު ކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ނެވިގޭޝަން ސިސްޓަމްތައް ވެސް މި ދޯނީގައި ފުރިހަމަކޮށްފައި ހުންނާނެ ކަމަށް ވެރިފަރާތުން ބަޔާންކުރެއެވެ.
މިވަގުތުވެސް މަސްވެރިކަމަށް ނިކުމެވޭ ފަދަ ފުރިހަމަ ހާލަތެއްގައި އޮތް މި ދޯނި ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން 7791122 ނަންބަރު ފޯނަށް ގުޅާލުމަށް ނުވަތަ މެސެޖު ކުރުމަށް ދޯނީގެ ވެރިފަރާތުން އެދިފައި ވެއެވެ.