ޗައިނާގެ ޝިއަންޑޮންގް ޕްރޮވިންސްގެ ޝިންދާއޯ ސިޓީގައި މިހާރު ކުރިޔަށްދާ "ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް 2026" ގައި ދިވެހިރާއްޖޭގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، ޒަމީރު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމްއާ ގުޅޭގޮތުން ފިޝަރީޒް މިިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންހިފުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން ކުރިއަށްދިޔަ މުހިންމު މަޝްވަރާތަކުގައި ޑެޕިއުޓީ މިނިސްޓަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފޯރަމްގެ ހަވާސާގައި ޑެޕިއުޓީ މިނިސްޓަރު ވަނީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ތަރައްޤީކޮށް ބޭނުންހިފުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި ބައްދަލުވުމަކީ ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އަދި ޝިއަންޑޮންގް ޕްރޮވިންޝަލް ޕީޕަލްސް ގަވަރންމަންޓް ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މިއަހަރުގެ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ "ފްރޮމް ބްލޫ އޯޝަން ޓު ދަ ފިއުޗަރ: ޑިވެލޮޕިންގ އަ ސަސްޓެއިނަބަލް އޯޝަން އިކޮނޮމީ" މި ޝިއާރުގެ ދަށުންނެވެ.
މި ފޯރަމްގައި ދުނިޔޭގެ އެކި ޤައުމުތަކުންނާއި ކަނޑުތަކާ ބެހޭ ބައިނަލްއަޤްވާމީ 12 ޖަމްއިއްޔާއަކުން 200 އެއްހާ މަންދޫބުން ހިމެނޭހެން، ޖުމްލަ 680 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. ތިން ދުވަހުގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފުން ކަނޑުތަކުގެ ސިނާޢަތްތައް ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ގާއިމުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަނޑުގެ ދިރުންތައް ބެލެހެއްޓުމުގެ އިތުރުން، ބްލޫ ފައިނޭންސް މެދުވެރިކޮށް ދެމެހެއްޓެނިވި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުންނެވެ.
ދިވެހިރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ގައުމަކަށް މިފަދަ ބައިނަލްއަގުވާމީ މަންސަތަކުގައި ބައިވެރިވުމަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އަދި ފަހި އިގުތިސާދީ ފުރުސަތުތައް ހޯދުމަށް ލިބިގެންދާ މުހިންމު ބާރެކެވެ.