ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ 18:00 އިން ފެށިގެން 23:00 ގެ ނިޔަލަށެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.