ދޯންޏެއް އަރިއަޅާލުމުގެ ސަބަބުން ކަނޑަށް އެޅުނު ލަކުޑިފަތިތަކެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ބ. އޭދަފުށީގެ އިރުދެކުނުން ގާތްގަނޑަކަށް 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ދޯންޏެއް އަރިއަޅާލައި، އޭގައި ހުރި ގިނަ އަދަދެއްގެ ލަކުޑިފަތިތައް ކަނޑަށް އެޅިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި، ބެލެވޭ ގޮތުގައި މި ތަކެތި މިހާރު އޮޔާ ދަނީ އިރުމައްޗަށްކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ކަނޑުގައި އޮޔާދާ މި ލަކުޑިފަތިތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ވަކިން ޚާއްސަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އިތުރަށް ސަމާލުވެގެން ދަތުރުކުރުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.