މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު މިރޭ 20:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
މެޓް އޮފީހުން އެންމެ ފުރަތަމަ މި ސަމާލު ނެރުނީ މިއަދު ހެނދުނު 09:30 އިން މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. ނަމަވެސް، މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ އިދާރާއިން މިހާރު ވަނީ ސަމާލުގެ މުއްދަތު މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 ގެ ނިޔަލަށް ދަންމާލާފައެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް ލަފާކޮށްފައި ވެއެވެ.
ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.