ހއ. ދިއްދޫގައި ތެޔޮ ގުދަންކޮށް ވިޔަފާރި ކުރުމަށްޓަކައި، އެ ރަށު ބަނދަރުގެ އުތުރު ސަރަހައްދުން 7،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ހަމަޖައްސައިދިނުމަށް ކައުންސިލުން މަޝްވަރާކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ދިއްދޫ ކައުންސިލާއި އެފްއެސްއެމްއާ ދެމެދު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ކައުންސިލުން ވަނީ ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށް ރަށުގެ ބަނދަރުގެ އުތުރު ސަރަހައްދުން 7،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ކަނޑައާޅާފައިވާކަން ބަޔާންކޮށް އެ ބިމުގެ ޗާޓު އެފްއެސްއެމްއާ ހިއްސާކޮށްފައެވެ. އަދި އެ ބިމުގައި އެޅެން އޮތް އެންމެ ބޮޑު ކެޕޭސިޓީއެއްގެ ފިއުލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިފައެވެ.
މި ބައްދަލުވުމަށްފަހު، އެފްއެސްއެމްގެ ޓީމުން ވަނީ ފިއުލް ޝެޑް އެޅުމަށް ކަނޑައަޅާފައިވާ ބިމަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގެ ހާލަތު އަމަލީ ގޮތުން ބަލައި އިންސްޕެކްޓް ކޮށްފައެވެ.
މި މަޝްރޫއަކީ މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ގައުމީ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެސްޓީއޯ އަދި އެފްއެސްއެމް ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ އަމާޒަކީ ކޮންމެ އިދާރީ އަތޮޅަކުން މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ މައި އަގުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި ފިއުލް ޝެޑްތަކުގެ ސަބަބުން އަތޮޅުތެރެއަށް ތެޔޮ އުފުލުމުގައި ނަގާ ބޮޑެތި ޕްރީމިއަމް އަގުތައް ކެނޑި، އާންމުންނަށާއި މަސްވެރިންނަށް އެސްޓީއޯގެ އަސްލު އަގުގައި ތެޔޮ ލިބިގެންދާނެއެވެ. މުޅި ރާއްޖެއަށް މި ނިޒާމު ފުޅާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މިހާރު މި ހިދުމަތް ނުފެށި އޮތީ ތ. އަތޮޅާއި ލ. އަތޮޅުގައި އެކަންޏެވެ.