މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން އައްޑޫ ސ. ހިތަދޫ ބޭރުގައި ދޮށީ ކަނދުފައްޗެއް ގާއިމުކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި R08D01 ނަންބަރު ޖަހާފައިވާ މި ކަނދުފަތި އަޅާފައިވަނީ މިއަދު (13 ސެޕްޓެމްބަރ 2026) ސ. ހިތަދޫ ހުޅަނގު އުތުރުން 13 މޭލު ބޭރުގައެވެ.
ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތި އަޅާ އަދި މަރާމާތުކުރާ ފަންނީ ޓެކްނީޝަނުންގެ ޓީމެއް މިވަގުތު އަންނަނީ އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުންނެވެ. މި ޓީމުން އިއްޔެ ވަނީ ސ. ވިލިނގިލީގެ އިރުން 15 މޭލު ބޭރުގައިވެސް ވަނީ އައު ދޮށީ ކަނދުފައްޗެއް އަޅާފައެވެ. އެއީ R09D01-03 ނަންބަރު ދޮށީ ކަނދުފައްޗެވެ.
ކަނޑައިގެން ދިޔަ މި ކަނދުފަތިތައް މަރާމާތުކޮށް އަލުން ގާއިމުކުރުމާއި ގުޅިގެން އައްޑޫ މަސްވެރިން ވަނީ އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ބައެއް މަސްވެރިން ބުނީ، ކަނދުފިތައް ކަނޑައިގެންދާތާ އެހާ ގިނަ ދުވަސް ނުވަނީސް އަލުން މަރާމާތުކޮށް ނުވަތަ އަލުން ގާއިމުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވަރަށް ބޭނުންވާކަމެއް ކަމަށެވެ.
މި ކަނދުފަތިތަކުގެ ސަބަބުން ދެކުނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް، ހާއްސަކޮށް އައްޑޫ ސަރަހައްދުގައި ހަރަކާތްތެރިވާ ދޮށީގެ މަސްވެރިންނަށް މަސް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިންނަށް އަމާޒުކޮށްގެން އަޅާފައިވާ ކަނދުފަތިތަކަށް ގެއްލުންވުމާއި، ކަނޑައިގެން ދިޔުމާ ގުޅިގެން ކަނދުފަތި ވިއުގަ ބެލެހެއްޓުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.