މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށްވެސް ލަފާކޮށްފައިވެއެވެ.
ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.