އައިއައިޓީއީ މެރިޓައިމް ސްކޫލްއިން ނިޔަމިކަމުގެ ސެޓިފިކެޓް-2 ކޯހުގެ އިތުރު ބެޗެއް މ. މުލަކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އައިއައިޓީއީ މެރިޓައިމް ސްކޫލްއިން ބުނީ، ކޯހުގެ ކިޔެވުން ކުރިއަށްދާނީ މި މަހުގެ 13 އިން 16 ގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 7921961 އަށް ގުޅާލައިގެން މިހާރު ނަން ނޯޓްކުރެވޭނެ ކަމަށާއި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކުމާއެކު، ބޭސިކް ހިސާބު ހަދަން އެނގި އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކަށް ވެސް ކޯހުގައި ބައިވެރިވެވިދާނެ ކަމަށް އެ ސްކޫލްއިން ބުންޏެވެ.
ކެޓަގަރީ B, C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މި ކޯސް ކުރިއަށްގެންދަނީ 30 ގަޑިއިރުގެ މުއްދަތަކަށެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ހުއްދައާއެކު ހިންގާ މި ކޯހުގައި ކަނޑުމަތީގެ ގަވާއިދުތަކާއި، ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކުރާނެގޮތާއި، ނެވިގޭޝަން ފަދަ މުހިންމު ބައިތައް އުނގަންނައިދޭނެއެވެ.
އައިއައިޓީއީ މެރިޓައިމް ސްކޫލަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލެވެ. އެތަނުން މިހާތަނަށް ވަނީ މާލެއާއި އަތޮޅުތައް ހިމެނޭހެން ނިޔަމިކަމުގެ ކޯސް-2 ގެ ގިނަ ބެޗުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. ނިޔަމިކަމުގެ ސެޓިފިކެޓް-2 ގެ އިތުރުން، ނިޔަމިކަމުގެ ސެޓިފިކެޓް-1 ކޯސް، ފަޅުވެރިންގެ ކޯސް އަދި މެރިން މެކޭނިކް ކޯސްވެސް އެ އެކެޑަމީން ދަނީ ހިންގަމުންނެވެ.