އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދެ ކުންފުނީގެ އިސްވެރިން ފުރަތަމަ ތައާރަފީ އަދި މަސައްކަތްތައް އެލައިންކުރުމުގެ ބައްދަލުވުން ބާއްވައިފިއެވެ.
މިފްކޯގެ މައި އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް އެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ކުންފުނީގެ އޮޕަރޭޝަންތައް އެއް މިސްރާބަކަށް ގެނެސް، ދިވެހި އުފެއްދުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް އެއް އަމާޒަކަށް ގެނައުމެވެ. އަދި ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތައް ހަރުދަނާކޮށް ހިންގުމަށް ކުރިއަށްގެންދާ "ރައިޓް ސައިޒިންގ" ސިޔާސަތުގެ ދަށުން، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްމަދު މުއިއްޒު އިއުލާނުކުރެއްވީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސަރުކާރުގެ ނިންމުން އިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރުމުން ވަރަށް ގިނަ އިގުތިސާދީ ލަނޑުދަނޑިތައް ހާސިލުވެގެންދާނެ ކަމަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތް ފެށުމުން އޭގެ ސީދާ ފައިދާ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން، މަސްވެރިންނާއި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް މާލޭގައި އަޅާ ޒަމާނީ "މިކްސްޑް މާކެޓް" އިމާރާތްކޮށް ނިމުމުން އެތަން އޮޕަރޭޓްކުރުން ހަވާލުކުރާނީވެސް މިފްކޯއާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.