ސ. ވިލިނގިލީގެ އިރުން 15 މޭލު ބޭރުގައި އައު ދޮށީ ކަނދުފައްޗެއް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން ބުނީ، 12 ސެޕްޓެމްބަރ 2026 ވީ ހޮނިހިރު ދުވަހު އަޅާފައިވަނީ "R09D01-03" ނަންބަރު ދޮށީ ކަނދުފަތި ކަމަށެވެ. މިއީ ދެކުނުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ދޮށީގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެޅި ކަނދުފައްޗެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިންނަށް އަމާޒުކޮށްގެން އަޅާފައިވާ ކަނދުފަތިތަކަށް ގެއްލުންވުމާއި، ކަނޑައިގެން ދިޔުމާ ގުޅިގެން ކަނދުފަތި ވިއުގަ ބެލެހެއްޓުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
މި ކަނދުފަތި އެޅުމާއެކު، އައްޑޫ ސަރަހައްދުގައި ހަރަކާތްތެރިވާ ދޮށީގެ މަސްދޯނިފަހަރަށް މަސްވެރިކަން ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ކަނދުފަތިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، ކަނދުފަތި ކައިރިން އެހެނިހެން ބާވަތްތަކުގެ މަސްވެރިކަން ނުކުރުމަށް މަސްވެރިންނަށް އަބަދުވެސް އިލްތިމާސްކުރެއެވެ.