ލ. ގަން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، ނެރުގެ ބްރޭކްވޯޓާ ޕްރޮފައިލިން މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މި ބޮޑު އުމްރާނީ މަޝްރޫއަކީ ސަރަހައްދީ ދަތުރުފަތުރާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ހިންގޭ މުހިންމު މަޝްރޫއެކެވެ. މަސައްކަތުގެ %87 މިހާރު ނިމި، މަޝްރޫއު ވަނީ އެންމެ ފަހުގެ މަރުހަލާތަކަށް އެޅިފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއާއެކު 25 އޮގަސްޓް 2021 ގައި ސޮއިކޮށް، 5 މޭ 2022 ގައި ސައިޓް މޮބިލައިޒްކުރި މި މަޝްރޫއުގެ ތެރެއިން އެމްޓީސީސީން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 33،793 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 574.6 މީޓަރުގެ ސަރަހައްދެއްގައި ހިލަ ޖަހައިގެން ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ. މީގެއިތުރުން 310 މީޓަރުގެ ޕްރީކާސްޓް އެލް ބްލޮކް އެއްގަމުތޮއްޓެއް ލުމާއި، 1،976 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 151 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި 25 މީޓަރުގެ ބްރިޖެއް އެޅުން ހިމެނޭ ކަމަށް އެމްޓީސީސީން ނެރުނު ތަފުސީލުތަކުގައި ބަޔާންކޮށްފައިވެއެވެ.
އެއްބަސްވުމުގެ ދަށުން ވެލި ފުރި ބްރޭކްވޯޓާ ހެދުމާއި، ރޭމްޕާއި ކަލްވަޓް އެޅުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަންޖެހެއެވެ.
ލ. ގަމަކީ ލިންކް ރޯޑުން ފޮނަދޫ، ކައްދޫ އަދި މާންދޫއާ ގުޅިފައިވާ އަތޮޅުގެ މައި މަރުކަޒަކަށް ވުމުން، މި ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން ފަސިންޖަރުންނާއި މުދާ އަދި މަސްވެރިން ބާނާ މަސް އުފުލުމަށް ބޮޑެތި ލުއިފަސޭހަތަކަކާއި ރައްކާތެރިކަމެއް ލިބިގެންދާނެކަން އެމްޓީސީސީން ފާހަގަކުރެއެވެ.











