މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ދަތުރަށް ފެށުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހު މެނުވީ ދަތުރު ނުފެށުމަށާއި، އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ އާލާތްތައް ރަނގަޅަށް ހުރިތޯ ޗެކްކުރުމަށް އެދޭ ކަމަށެވެ. މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށާއި، މުދާ ރަނގަޅަށް ލައިސަންލައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ލައިފްޖެކްޓް އަޅައި، އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިރުޝާދު ދީފައެވެ. އަދި ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ.