މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކުގައި އެ ކުންފުނީގެ އައު މަސްފިހާރައެއް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ވިނަރެސް ފްލެޓްތަކުގެ ދެވަނަ ޓަވަރުގެ ތިރީގައި ގާއިމުކުރި މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ޗެއާމަން އަބްދުﷲ ފާއިޒެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު އަނަސް އާއި ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމްގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ހުޅުމާލެ ފޭސް ދޭއްގައި މިފްކޯއިން ހުޅުވި ދެވަނަ ފިހާރައެވެ. އަދި މިއީ މުޅި ރާއްޖެއަށް ބަލާއިރު އެ ކުންފުނީގެ ހަވަނަ މަސްފިހާރައެވެ. މިހާރު މިފްކޯގެ ފިހާރަތައް ހުޅުމާލޭގެ ހިޔާ ދެވަނަ ޓަވަރާއި، ފޭސް އެކެއްގެ ހުޅުމާލެ ހޮސްޕިޓަލް ކައިރީގެ އިތުރުން މާލޭގެ ހިލާލީމަގާއި ނޯތު ހާބަރުގައި ދަނީ ހިންގަމުންނެވެ. އަދި މާލެ ސަރަހައްދުން ބޭރުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހިތަދޫގައި ވެސް މިއަހަރު ތެރޭގައި ވަނީ މިފްކޯގެ ފިހާރައެއް ހުޅުވާފައެވެ.
ފިހާރަ ހުޅުވުމަށްފަހު ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖޭގެ އެހެން ސިޓީތަކުގައި ވެސް މިފްކޯގެ މަސްފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިދިޔަ ޖުލައި މަހު ކަނޑުއޮއްގިރީގައި ހުޅުވި ހިކިމަސް ފެކްޓަރީއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދިމާވި ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އައު ފިހާރައިން މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މި އަހަރުގެ އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރަތަކެއް ހަފުތާގެ ހަތް ދުވަހު ހުޅުވަން ނިންމާފައިވާތީ، ވިނަރެސް ފިހާރައިން ވެސް ހުކުރު ދުވަހު ހިދުމަތް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހަކާ ދިމާކޮށް ހާއްސަ އުފެއްދުންތަކެއް ބާޒާރަށް ނެރެމުން އަންނައިރު، އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.