ކ. މާފުށީގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ހަދަންޖެހޭ އަމަލީ ޓެސްޓުތައް ހަދައިދޭނެ އެގްޒަމިނަރަކު ހޯދުމަށް މާފުށީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މާފުށީ ކައުންސިލްގެ އިދާރާއިން ބުނީ، މި މަސައްކަތަށް ބޭނުންވަނީ އެއް އެގްޒަމިނަރު ކަމަށެވެ. އަދި މި ޓެސްޓުތައް ކުރިއަށްދާނީ އެ އިދާރާއިން ކަނޑައަޅާ ވަގުތުތަކެއްގައި އެ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ކަމަށް ވެސް މައުލޫމާތު ދެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:
ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން އެއް އަހަރު ދުވަހު އުޅަނދު ދުއްވުމުގެ ތަޖުރިބާ ލިބިފައިވުން
އުމުރުން 50 އަހަރު ފުރިފައިނުވާ މީހަކަށް ވުން
ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތަކަށް ވުން
ކައުންސިލުން ހާމަކުރި ގޮތުގައި މި މަސައްކަތަށް އުޖޫރައެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް 25 ރުފިޔާއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ވަނަވަރާއި، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ފޮތުގެ ކޮޕީ، ނިޔަމި ކަމުގެ ސަނަދުގެ ކޮޕީ އަދި އައިޑީ ކާޑުގެ ކޮޕީއާއެކު ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވާ ހޯމަ ދުވަހުގެ 11:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގްޒަމިނަރުކަމަށް އެދޭ ފޯމު ސަރުކާރުގެ ގެޒެޓުންނާއި މާފުށީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ.