ފުވައްމުލައް ސިޓީގެ އިރުމަތީ ފަރާތު ބޭރުގައި ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ގާއިމްކުރެވުނު މި ވަދު ކަނދުފަތި އަޅާފައިވަނީ ފުވައްމުލަކު އިރުން 10 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަންބަރަކީ Q10V01-02 އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަދު ކަނދުފަތި އެޅުމުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ދޯނިފަހަރާއި ލޯންޗުތަކުގައި ނުކުންނަ ވަދު މަސްވެރިންނަށް ފަސޭހަކަމާއެކު ރަށާ ކައިރިން މަސްވެރިކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ކަނދުފައްޗާއެކު ފުވައްމުލަކުގެ ކަނޑުމަހުގެ މަސްވެރިކަމަށާއި ކުޅިވަރު މަސްވެރިކަމުގައި (ސްޕޯޓްސް ފިޝިންގ) ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ކަނދުފަތީގެ ރައްކާތެރިކަމަށްޓަކައި، ކަނދުފަތި ކައިރިން މަސްވެރިކަން ކުރުމުގައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކަނދުފައްޗަށް ގެއްލުން ނުވާނޭހެން އުޅަނދުފަހަރު ދުއްވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.