ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި މިހާރު ކުރިއަށްދާ "ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް 2026) އެގްޒިބިޝަންގައި ރިސޯޓުތަކުގެ ޝެފުންގެ ފަރާތުން މިފްކޯގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށާއި، ތިންވަނަ ފަރާތެއް މެދުވެރިނުކޮށް ސީދާ ރިސޯޓުތަކަށް މަހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން އެބައޮތް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 7 އިން 9 އަށް ކުރިއަށްދާ މި ފެއާ މިރޭ 19:00 ގައި ނިމޭއިރު، ފެއާގެ އެންމެ ފަހު ދުވަހު މިފްކޯގެ ސްޓޯލުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޝެފުން މިފްކޯގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ކުންފުނީގެ އުފެއްދުންތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ ކަމަށެވެ.
"މި ސްޓޯލަށް ވަރަށް ގިނަ އެކި ކަހަލަ މީހުން އެބަ އާދޭ. ބޮޑަށް މި ރިސޯޓްތަކުގަ މިއުޅޭ ޝެފުންގެ ހަމަ ވަރަށް ބޮޑު ތަރުހީބެއް އަޅުގަނޑުމެންނަށް ލިބެނީ. މީގަ ހުރި ވެރައިޓީ އޮފް ޕްރޮޑަކްޓްސް އަށް ބަލާފަ އެބޭފުޅުން ވަރަށް ބޮޑަށް ހެޕީ ވޭ،" އޮފިޝަލް ވިދާޅުވިއެވެ. "އެ ޑިމާންޑާ އެއްގޮތަށް އަޅުގަނޑުމެންނަށް ސަޕްލައި ކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް، ޕްރޮޑަކްޓްތައް ވެސް އެބަހުރި. މިހާރު އެހެން ސަޕްލަޔަރުން އަތުން ނަގާ އެއްޗެހި އަޅުގަނޑުމެން އަތުން ތާޑް ޕާޓީއަކަށް ނުލާ ޑައިރެކްޓްކޮށް ރިސޯޓްތަކަށް ޕްރޮވައިޑް ކޮށްދެވޭނެ."
މިހާރު ވެސް ބައެއް ރިސޯޓުތަކަށް މަސް ސަޕްލައި ކުރަމުން އަންނަ މިފްކޯއިން ވަނީ މި ފެއާގެ ތެރެއިން އެ ކުންފުނީގެ މައިގަނޑު އުފެއްދުންތައް ދައްކާލައި، ވިއްކުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. އޭގެތެރޭގައި ޗިލްޑް ފިޝް (ފިނިކުރި ރޯ މަސް)، ރަންވަރު ބްރޭންޑްގެ އުފެއްދުންތައް، އެކި ވައްތަރުގެ މަސްދަޅު އަދި މިފްކޯގެ އެހެނިހެން އާންމު އުފެއްދުންތައް ހިމެނެއެވެ.











