ގދ. ރަތަފަންދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ އައު އުޞޫލެއް އެ ރަށު ކައުންސިލުން އެކުލަވާލައި، އެ އުޞޫލަށް ޢަމަލުކުރަން ފަށައިފިއެވެ. މި އުސޫލުގެ ދަށުން މަސްވެރި އުޅަނދުފަހަރާއި، މުދާ އުފުލައި ބޭލުމުގެ މަސައްކަތްތަކާއި، ބަނދަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ހަރުކަށި އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން އިއްޔެ ފެށި މި އުޞޫލުގެ ދަށުން ބަނދަރު ބޭނުންކުރާ މަސްވެރި އުޅަނދުފަހަރާއި، މަސްވެރިކަމުގެ ސާމާނު ބަނދަރު ސަރަޙައްދުގައި ބެހެއްޓުމުގައި ޢަމަލުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ.
އައު އުޞޫލުގައި މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި މައިގަނޑު ކަންކަން:
މަސްވެރިކަމުގެ ސާމާނު ބެހެއްޓުން: މަސްވެރިކަމަށް ބޭނުންކުރާ ސާމާނުތައް ބަނދަރުމަތީގައްޔާއި އުޅަނދުތަކުގައި ހުންނަންވާނީ ކައުންސިލުން އެދޭ ގޮތަކަށެވެ.
ދޯނިފަހަރު ސާފުކުރުން: ބަނދަރު ސާފުކުރުމަށް ބާއްވާ ދޯނި 72 ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ. އަދި އެ ސަރަޙައްދު ފަޅުވެރިން ސާފުކުރަންވާނެއެވެ.
ފަޅުކޮށް އުޅަނދު އެޅުން: އުޅަނދެއް ބަނދަރުގައި އަޅާފައި ފަޅުކޮށް ބޭއްވޭނީ ގިނަވެގެން 12 ގަޑިއިރަށެވެ.
ޖާގަ ނެތުމުން އަމަލުކުރާނެ ގޮތް: ބަނދަރުން ޖާގަ ނެތިއްޖެ ޙާލަތެއްގައި މެދުފަޅި ކަނޑާލާފައި އުޅަނދު ބޭއްވިދާނެއެވެ.
މަރާމާތާއި ސާފުތާހިރުކަން: އިންޖީނުގެ މަރާމާތު މުދާ ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ މުދަލެއް ބެހެއްޓުން ނުވަތަ މަސައްކަތެއް ކުރަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އަދި ބަނދަރަށް ކުނި އެޅުމަކީ މަނާކަމެކެވެ.
މި އުޞޫލާ ޚިލާފުވާ ފަރާތްތައް 500 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަން އުސޫލުގައި ބަޔާންކޮށްފައި ވެއެވެ. އަދި އަންގާ އެންގުމާ އެއްގޮތަށް ބަނދަރުމަތިން ނުނަގާ ހުންނަ މުދަލާއި އުޅަނދުފަހަރު ނައްތާލުމުގެ އިޚްތިޔާރު އެ އުސޫލުން ކައުންސިލަށް ލިބިދީފައިވެއެވެ.











