އެކި ސަބަބުތަކާހުރެ ކަނޑައިގެންގޮސްފައިވާ ގދ. ގައްދޫ ދޮށި ކަނދުފަތި އަލުން އަޅައިފި އެވެ.
ގައްދޫ ކައުންސިލުން ބުނީ، އެރަށު ހުޅަނގު ދެކުނުން 12 މޭލު ބޭރުގައި އަޅާފައި އޮއްވައި ކަނޑައިގެން ގޮސްފައިވާ ދޮށީ މަސްވެރިކަމުގެ ކަނދުފަތި، ކައުންސިލްގެ އެދުމުގެ މަތިން އައު ސަރަޙައްދެއްގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އަލުން ގާއިމުކޮށްދީފައިވާކަމަށެވެ.
ވުޒާރާއިން މައުލޫމާތުދިންގޮތުގައި، "P10D02" ނަންބަރު ޖަހާފައިވާ މި ދޮށީ ކަނދުފަތި އަލުން އަޅާފައިވަނީ 09 ސެޕްޓެންބަރު 2026 ގައެވެ. މި ކަނދުފަތި މިހާރު ޤާއިމުކޮށްފައިވަނީ ގދ. ގައްދޫގެ ދެކުނުން 14 މޭލު ބޭރުގައެވެ.
މިއީ ދޮށީގެ މަސްވެރިކަމަށާއި ވަދުމަސްވެރިކަމަށް އަމާޒުކޮށްގެން، މަސްވެރިންނަށް ފަސޭހައިން މަސްއައިން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން ބަލަހައްޓަމުން އަންނަ ޤައުމީ ކަނދުފަތީގެ ވިއުގައަށް އިތުރުކުރެވުނު ބޮޅެކެވެ.