ގއ. ދާންދޫ ބޭރުން ކަނޑައިގެން ގޮސްފައިވާ ދޮށީ މަސްވެރިކަމުގެ ކަނދުފަތި އަލުން އަޅައި، މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ދޮށީ ކަނދުފަތި އަލުން ޤާއިމުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ކަނދުފަތި އަޅާފައިވަނީ ގއ. ދާންދޫގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 16 މޭލު ބޭރުގައެވެ. ދޮށީ ކަނދުފަތި ނަންބަރަކީ، O10D02-01 އެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ކަނދުފަތީގެ ވިއުގައަކީ މަސްވެރިންނަށް މަސްއައިންތައް ހޯދުމުގައި ވަގުތާއި ތެލުގެ ޚަރަދު ކުޑަކޮށްދިނުމަށް ސަރުކާރުން ބަލަހައްޓަމުން އަންނަ މުހިންމު ޚިދުމަތެކެވެ. މޫސުމީ ސަބަބުތަކާ ހުރެ ނުވަތަ އެހެނިހެން ގޮތްގޮތުން ކަނޑައިގެންދާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތް ވުޒާރާއިން އަބަދުވެސް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ ކުރަމުންނެވެ.











