މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކުރާ އިންޖީނުލީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޢަމަލީ އިމްތިހާނޔ ހަދައިދޭނެ ދެ އެގްޒަމިނަރުން ހޯދުމަށް ބ. ހިތާދޫ ކައުންސިލުން އަލުން އިއުލާނުކޮށްފިއެވެ.

ހިތާދޫ ކައުންސިލުން ބުނީ، އެގްޒަމިނަރުން ހޯދުމަށް އަލުން ފުރުސަތު ހުޅުވާލީ ކުރިން ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީކަމަށެވެ.

ކައުންސިލުން މިކަން އާންމުކޮށް ނެރުނު އިއުލާނުގައި ބުނެފައިވަނީ، މި މަޤާމަށް އެދޭ ފަރާތްތަކަކީ ނިޔަމިކަމުގެ ސަނަދު އޮތުމާއެކު، ދޫކުރި ފަހުން މަދުވެގެން ފަސް އަހަރު ވެފައިވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ A، A1، B، C އަދި D ކެޓަގަރީ ލިބިފައިވާ އަދި އުޅަނދު ދުއްވުމުގެ މަދުވެގެން އެއް އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަކަށް ވާންޖެހޭނެކަމަށެވެ. މީގެއިތުރުން، ފާއިތުވި ފަސް އަހަރު ކަނޑުދަތުރުފަތުރުގެ ޤަވާޢިދާ ޚިލާފުނުވާ، ޖިނާއީ ކުށެއްގެ ރެކޯޑެއް ނެތް، ޢުމުރުން 55 އަހަރު ނުފުރޭ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި އަދި އެ ކައުންސިލްގެ އިދާރާގެ މުވައްޒަފަކަށް ނުވާ ފަރާތަކަށް ވާންޖެހޭނެކަމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.

އިމްތިޙާނުކުރާ ކޮންމެ އުޅަނދަކަށް 25 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު، އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތިތަކުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދޭނަކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހިތާދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހެއެވެ.