ގއ. ގެމަނަފުށީގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އެތަނަށް މަސް ކިރޭނެ (ގަނެވޭނެ) އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބާއި، ގެމަނަފުށީ ކައުންސިލްގެ ރައީސް އިސްމާޢީލް ޔާމީންގެ އިތުރުން ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު އަނަސް އަދި އިސް ވެރިންނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޕްލާންޓުން ދެމުން އަންނަ ޚިދުމަތްތައް ހަރުދަނާކޮށް، މަސްވެރިން ބާނާ މަސް ސީދާ އެ ޕްލާންޓަށް ކިރޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. މީގެއިތުރުން، އެ އައިސް ޕްލާންޓް މެދުވެރިކޮށް މިފްކޯގެ މަހުގެ ތަފާތު އުފެއްދުންތައް (ޕްރޮޑަކްޓްތައް) ޢާންމުންނަށް ލިބޭނެ މަގު ފަހިކުރުމާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.











