ގއ. ގެމަނަފުށީގެ މަސްވެރިކަމުގެ ދާއިރާއަށް މިހާރު ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ތަފްޞީލީ މަޢުލޫމާތު އެ ރަށު ކައުންސިލުން ފިޝަރީޒް މިނިސްޓްރީގެ އިސްވެރިންނާ ޙިއްޞާކުރައްވައިފިއެވެ.
މި މަޢުލޫމާތު ޙިއްޞާކުރައްވާފައިވަނީ ގެމަނަފުށީގެ މަސްވެރިކަމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއެކު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބާއި، ގެމަނަފުށީ ކައުންސިލްގެ ރައީސް އިސްމާޢީލް ޔާމީންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފާއި، އެ ވުޒާރާގެ އިސް ވެރިންނެވެ.
މި ބައްދަލުވުމުގައި، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކުގެ އިތުރުން، ގެމަނަފުށީގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެފަރާތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ކައުންސިލްގެ އިސްނެގުމުގެ މަތިން އެ ރަށުގައި ހިންގުމަށް ރާވާފައިވާ މުހިންމު މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތުވެސް ކައުންސިލުން ވަނީ މިނިސްޓްރީއާ ޙިއްޞާކުރައްވާފައެވެ.
ރާއްޖޭގައި ކަޅުބިލަމަހުގެ މަސްވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށް ކަމަށްވާ ގެމަނަފުށީގައި، 100 ފޫޓަށްވުރެ ދިގު، ޒަމާނީ އެންމެ ފުރިހަމަ ވަސީލަތްތަކާއެކު ބަނދެފައިވާ 9 މަސްދޯނި މިހާރުވެސް ގަވާއިދުން މަހަށް ފުރަމުންދެއެވެ. ނަމަވެސް، ކުރިން ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވި މި ސިނާޢަތުގައި މިހާރު ޒުވާނުން މަދުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޚާއްޞަކޮށް އިންތިޚާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރުތަކުން އެއްގަމު ވަޒީފާތައް ދިނުމުގެ ސަބަބުން، މަހަށްދާ ޒުވާނުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކައުންސިލުން މިހާރުވެސް ދަނީ މިދާއިރާއާ ޒުވާނުން އަލުން ގުޅުމަށް ބާރުއަޅައި ހިތްވަރު ދެމުންނެވެ.











