ގދ. ވާދޫގައި ކުދި އުޅަނދުފަހަރު އެހެލައި މަރާމާތުކުރާނެ އޮޑިހަރުގެއެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން އެ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.
ވާދޫ ކައުންސިލުން މިއަދު ގެޒެޓުގައި ޝާއިޢުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު ކަދާވަޑު މަގުގެ ހުޅަނގު ދެކުނު ފަރާތު އަތިރިމަތީގައެވެ.
ވާދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 14 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު procurement@gaafdhaalvaadhoo.gov.mv އަށް ފޮނުވަންޖެހެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ އިދާރީ ފީ ދެއްކުމުން ކަމަށް ކައުންސިލުން ހާމަކުރެއެވެ.











