ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި އެގްޒަމިނަރެއް ހޯދުމަށް ތ. ކިނބިދޫ ކައުންސިލްގެ އިދާރާއިން އަލުން ފުރުސަތު ހުޅުވާލައިފިއެވެ.
ކިނބިދޫ ކައުންސިލުން ބުނީ، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން، ކައުންސިލުން ދޭ ދުއްވުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިއުމަށް އެގްޒަމިނަރަކު ހޯދަން މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަން ނިންމީ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން އެއް އަހަރު ދުވަހު އުޅަނދު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ، ނިޔަމިކަމުގެ ސަނަދުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމެނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ނުވަތަ އީމެއިލް (info@kinbidhoo.gov.mv) މެދުވެރިކޮށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.