މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21.00 ރުފިޔާއަށް ހަމަޖެއްސުމަކީ މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތުގެ ދަށުން އެޅި ސްޓްރެޓީޖިކް ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ބަދަލާ ގުޅޭގޮތުން މިފްކޯއިން ބުނީ: "މިއީ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް،." ކަމަށެވެ.
މި ބަދަލުކުރެވުނު ރޭޓަށް މިއަދު، 29 އޮގަސްޓް 2026 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު، ފެލިވަރު، ކޫއްޑޫ، އައްޑޫ، އަދި ތިނަދޫގެ އިތުރުން މުޅި ރާއްޖޭގައި ހަރަކާތްތެރިވާ އެ ކުންފުނީގެ މަސް ބޯޓުފަހަރުތަކުގައިވެސް މަސް ގަންނަމުންދާނީ މި އަގުގައެވެ.
މިފްކޯގެ ހުރިހާ ސެންޓަރުތަކާއި ބޯޓުފަހަރުގައި މިއަދު މަސް ގަންނަމުންދާ ރޭޓްތައް:
ކަޅުބިލަމަސް: ކިލޯއެއް 21.00 ރުފިޔާ
ކަންނެލި (15 ކިލޯއިން މަތި): ކިލޯއެއް 25.00 ރުފިޔާ
ކަންނެލި (10 އާއި 15 ކިލޯއާ ދެމެދު): ކިލޯއެއް 20.00 ރުފިޔާ
މިފްކޯއިން މަސް ގަންނަ އަގު އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ. އެފަހަރު ކިލޯއަކަށް 18.00 ރުފިޔާގެ މަގުން ހުރި އަގު 20.00 ރުފިޔާއަށް ބަދަލުކުރީ ބާޒާރުގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް، މަސްވެރިންނަށް ހައްގު މިންވަރު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.