އއ. ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ، މިހާރު ސައިޓުގައި ކުރިއަށްދަނީ ޕޭވްމަންޓް ކޮމްޕެކްޝަން އަދި ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 50.8 މިލިއަން ރުފިޔާއަށް 16 ޖެނުއަރީ 2023 ގައި އެމްޓީސީސީއާ ޙަވާލުކޮށް، 15 އޮގަސްޓް 2023 ގައި ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރެވުނު މަޝްރޫޢެކެވެ.
އެމްޓީސީސީން ހާމަކޮށްފައިވާގޮތުގައި، މި މަޝްރޫޢުގެ ދަށުން 35،695 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 213 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 550 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ތޮށިލުމާއި، 2،481 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން، 80 މީޓަރުގެ ޖެޓީއަކާއި 12 މީޓަރުގެ ބްރިޖެއް އެޅުން ހިމެނެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން، ފެރިދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރަށަށް ކައިރިކުރާ ފަސިންޖަރުން އުފުލާ އުޅަނދުފަހަރާއި، މުދާ އުފުލާ އުޅަނދުފަހަރަށް ލަފާފުރުމުގައި ބޮޑެތި ފަސޭހަތަކަކާއި ރައްކާތެރިކަން ޤާއިމުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.