ށ. ކަނޑިތީމުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ހަދަންޖެހޭ ޢަމަލީ އިމްތިޙާންތައް ކުރިއަށްގެންދާނެ އެގްޒަމިނަރުން ހޯދުމަށް އެރަށު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. މި ފުރުޞަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ދެ ޖިންސުގެ މީހުންނަށްވެސް ޕާޓްޓައިމްކޮށް އާމްދަނީއެއް ހޯދުމަށް ހުޅުވާލެވިފައިވާ ފުރުޞަތެއްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކަނޑިތީމު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޫކުރާ ލައިސަންސް ދޫކުރުމަށް ހަދާ މި އިމްތިޙާންތައް ކުރިއަށްދާނީ ކައުންސިލުން ކަނޑައަޅާ ވަގުތުތަކެއްގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަށް ކަނޑު އުޅަނދުގެ 2 އެގްޒަމިނަރުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ކަނޑު އުޅަނދުގެ އެގްޒަމިނަރުންގެ ޝަރުތުތަކުގެ ތެރޭގައި ނިޔަމިކަމުގެ ސަނަދު އޮތުމާއެކު، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސަށް 5 އަހަރު ވެފައިވުމާއި، އުޅަނދު ދުއްވުމުގެ 1 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. މީގެ އިތުރުން ފާއިތުވި 5 އަހަރު ތެރޭގައި ޤަވާއިދާ ޚިލާފުވެ ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމާއި، އުމުރުން 55 އަހަރު ނުފުރޭ، ދުޅަހެޔޮ މީހަކަށް ވާންޖެހެއެވެ. ކަނޑު އުޅަނދުގެ އެގްޒަމިނަރުންނަށް އުޖޫރައިގެ ގޮތުގައި އިމްތިޙާން ކުރާ ކޮންމެ އުޅަނދަކަށް 25.00 ރުފިޔާ ދިނުމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑު ކޮޕީ، ލައިސަންސް އަދި ނިޔަމި ސަނަދުގެ ކޮޕީއާއެކު، 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަނޑިތީމު ކައުންސިލުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.