މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އިން ހިންގާ ނިޔަމިކަމުގެ ސެޓްފިކެޓް-2 ކޯހުގެ އާ ބެޗެއް މި މަހުގެ 28 ވާ ހުކުރު ދުވަހު މާލެ ސިޓީގައި ފެށުމަށް ތައްޔާރުވެ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުއްދަދީފައިވާ މި ކޯހަކީ ރާއްޖޭގެ އަތޮޅުތެރޭގެ ބޭރުން 24 މޭލަށްވުރެ ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން B، C އަދި D ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ނުވަތަ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހޯދައިދޭ ތަމްރީނެކެވެ. ޖުމްލަ 30 ގަޑިއިރުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިވާ ރަސްމީ ސެޓްފިކެޓް ދޫކުރެވޭނެކަމަށް އެމްޓީއައި އިން ބުނެފައި ވެއެވެ.











