މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް ޑޭވިޑް ވިލިއަމްސްއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސް ވެރިންނާއި އެމެރިކާ އެމްބަސީގެ ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވަޒީރު ވަނީ ޑޭވިޑް ވިލިއަމްސްއަށް މަޢުލޫމާތު އަރުވާފައެވެ. އަދި މި ދެ ދާއިރާގެ ލޮޖިސްޓިކްސް ހަރުދަނާކުރުމާއި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވެއެވެ.











