ރ. މަޑުއްވަރީގައި މަސް ކައްކާ ހިއްކުމާއި މަސްވެރިކަމާ ގުޅުންހުރި ތަފާތު މަސައްކަތްތައް ކުރުމަށްޓަކައި 5 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރ. މަޑުއްވަރީ ކައުންސިލުގެ ފަރާތުން ސަރުކާރުގެ ގެޒެޓްގައި 17 އޮގަސްޓް 2026 ގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ބީލަން ހުޅުވާލެވިފައިވަނީ މަޑުއްވަރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އަދި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ކުލީގެ އެންމެ ކުޑަމިންވަރު ނުވަތަ ފެށޭ އަގަކީ އަކަފޫޓަކަށް -/1 (އެކެއް) ރުފިޔާ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.
މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 1,525.00 އަކަފޫޓުގެ ބިން ނަންބަރު 746 އާއި، 1,275.00 އަކަފޫޓުގެ ބިން ނަންބަރު 747 އާއި، 1,025.00 އަކަފޫޓުގެ ބިން ނަންބަރު 748 ގެ އިތުރުން 1,431.00 އަކަފޫޓުގެ ބިން ނަންބަރު 749 އަދި 1,800.00 އަކަފޫޓުގެ ބިން ނަންބަރު 750 އެވެ.
މި ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް އެ ބިމުގައި މަސައްކަތަށް ބޭނުންވާ ޢިމާރާތްތަކާއި އިމާރާތްތަކުގެ ވަސީލަތްތައް ޤާއިމްކުރުމުގެ ފުރިހަމަ އިޙްތިޔާރު ލިބިގެންދާނެ ކަމަށް މަޑުއްވަރީ ކައުންސިލުން ހާމަކުރެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކައުންސިލުން އާންމުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާންޖެހޭނެ ކަމަށާއި، ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ބިޑު ބަލައިނުގަންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ބީލަން ހުށަހަޅަންވާނީ ދިވެހި ރުފިޔާއިން، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި ބީލަމުގައި ރަޖިސްޓްރީކުރުމާއި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 23 އޮގަސްޓް 2026 ގެ 13:00 ކަމަށާއި، ބީލަން ހުޅުވުން އޮންނާނީ 24 އޮގަސްޓް 2026 ގެ 13:00 ގައި ރ. މަޑުއްވަރީ ކައުންސިލް އިދާރާގައި ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ބިޑް އިވެލުއޭޓް ކުރުމުގައި 100 އިންސައްތަ ބަލާނީ ހުށަހަޅާ އަގަށްކަމަށްވެސް މަޑުއްވަރީ ކައުންސިލުން ބުނެއެވެ.